ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކައުންސިލަކީ ޔުނިވަރސިޓީ ހިންގާ އެންމެ އިސް މަޖިލިހެވެ. މި މަޖިލިހުގައި މަތީ ތައުލީމާބެހޭ ވަޒީރު އައްޔަންކުރައްވާ، ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ.
ގައުމީ ޔުނިވަރސިޓީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސައިންސް، ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާއިން، މިހާރު ހުންނެވި މެންބަރުގެ މުއްދަތު ހަމަވެފައިވާތީ، ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލެއްވުން އެދޭ ކަމަށެވެ.
މެންބަރުކަމުގެ ޝަރުތުތަކުގެތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުމާއި، ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުމާއި، ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަޚްލާގު ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއި، އިފްލާސްކުރެވިފައިވާ މީހަކުކަމުގައި ނުވުން ހިމެނެއެވެ.
ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސޮއިކޮށްފައިވާ ސީވީއާއި އައި.ޑީ. ކާޑު ކޮޕީއެއް council.secretary@mnu.edu.mv އަށް 21 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރުމަށް ޔުނިވަރސިޓީން ވަނީ އެދިފައެވެ.

