ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޢިއްޒު ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ތިރީގައިވާ ގޮތަށް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ.
އިސްލާހުތައް:
- އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން.
- މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން.
މީގެއިތުރުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެމްޕޭނެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައުއަކަށް މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

