ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމުލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ސްކޭމް ކުރަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލައިފި ކަމަށާއި، ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކު ހިމެނޭ ގޮތަށް ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.
މިފަދަ ލިންކުތަކަށް ސަމާލުވުމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ދާދިފަހުން ވަނީ ބުނެފައެވެ.
މިފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ މިފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށް ވަނީ އެދިފައެވެ.

