ވެލާނާ އެއާޕޯޓުގައި ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައި ދިޔަ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެއާޕޯޓު ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް ލައިޓާއި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗަރގެ ބުޑުގައި ޖެހިފައިވާކަމުގެ ރިޕޯޓެއް ހެނދުނު 9:28 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ވެހިކަލް ދުުއްވަން އިން 45 އަހަރުގެ މީހާއަށް އަނިޔާވެގެން ފުރަތަމަ ގެންދިޔައީ އެއާޕޯޓުގެ ކްލިނިކަށް ކަމާށާއި، އޭގެފަހުން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ ކްލިނިކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗަށް ގެންގޮސް އިތުރަށް ބަލައި، ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

