ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޢާއިޝަތު އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.
އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލަ މަޖިލީހަށް ފޮނުއްވީ އިއްޔެގައެވެ.
މި މައްސަލަ ދިރާސާ ކުރަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ސަފީރުކަމަށް އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާގުންނެވެ.
ޚާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަޒީމާ ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު ފުރުއްވައިފައެވެ. މިހާރު އޭނާ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވީ އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގައެވެ.
އިންޑިއާގައި ހުންނަވާ ސަފީރުކަމަށް އަޒީމާ އައްޔަންކުރަން ނިންމަވާފައިވަނީ އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝިހާބުގެ 3 އަހަރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

