ހުޅުމާލޭގެ އުތުރުފަރާތު ފަރަށް ދެ އުޅަނދެއް އުރުމާ ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް އެ ދެ އުޅަނދުގެ ވެރި ފަރާތް 29 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ ފެބްރުއަރީ މަހު 21 ގައި، ޓަގު "ANADI" އަދި ބާޖު "AM MANUMIT" ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އަރާފައިވާ ކަމަށާއި، މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ 23 އޭޕްރީލް ގައި ކަމަށެވެ.
އެގޮތުން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މި އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސަރވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ކުރިޔަށް ގެންދެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
މި ސާވޭއިން ދައްކާ ގޮތުގައި އެ ސަރަހައްދުގެ 1159 އަކަ މީޓަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅުނު ޖޫރިމަނާގެ އަދަދަކީ 29,201,946 ދިވެހިރުފިޔާ ކަމަށެވެ. އަދި މި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުތަކުގެ އޮޕަރޭޓަރ ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް 01 އޮކްޓޫބަރުގައި އަންގާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

