ފަތުރުވެރިކަމާ ގުޅޭ ޓެކްސްތައް ބޮޑުކުރި ނަމަވެސް ރާއްޖޭގެ ރީތިކަން ދެކިލުމަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާރު މިހެން ވިދާޅުވީ ޓީޖީއެސްޓީ %17 އަށް ބޮޑުކުރުމަށާައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސްކުރައްވަމުންނެވެ.
ޕީއެންސީގެ މެންބަރު ނިޒާރު ވިދާޅުވީ މިގޮތަށް ޓެކްސް ބޮޑުކުރުމުގެ ސަބަބުން ރާއްޖެއަކަށް ފަތުރުވެރިންނެއް ނާންނާނެ ކަމަށް ބައެއް މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް އެ ވާހަކައަކަށް ތާއީދެއް ނުކުރައްވާ ކަމަށެވެ. އަދި ރާއްޖެއަށް ލިބިފައިވާ ރީތިކަން ބަލާލަން ފަތުރުވެރިން އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ދިވެހިރާއްޖޭގެ ދަރަނި އޮތް ހާލަތު ނުވަތަ މާލީ ކަންކަމުގެ ހާލަތު އޮތް ގޮތް ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، މި ކަންތައްތަކުން ސަލާމަތްވާން ކުރަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ.
އަޅުގަނޑުމެން މި ޓެކްސްތައް އިތުރުކޮށްގެން 2025 ވަނަ އަހަރު ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެބަ ލިބޭ. މި ލާރި ޚަރަދުކުރަން ސަރުކާރުން ނިންމާފަ މިއޮތީ ދިވެހިރާއްޖޭގެ ތަރައްގީގެ ކަންތައްތަކަށާއި އަޅުގަނޑުމެންގެ މި އިގުތިސާދު އިތުރަށް ހަރުދަނާކުރުމަށް.
އެހެންކަމުން މިފަދަ މަގުސަދެއްގައި މަޖިލީހަށް އިސްލާހެއް ހުށަހަޅައިގެން ކުރިއަށްގެންދާ ވަގުތުގައި އުންމީދު ގެއްލޭފަދަ ވާހަކަތަކެއް ބައެއް މެންބަރުން ދައްކަވާކަމީ ހިތާމަހުރި ކަމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ މިފަދަ އިސްލާހުތައް ގެނައުމުގެ އެންމެ މުހިންމު މަގުސަަދަކީ ރާއްޖެއަށް ބޭރު ފައިސާ އިތުރުކޮށް ލިބޭ ފައިސާ ރާއްޖޭގައި ހިފެހެއްޓުން ކަމަށެވެ.
އަދުގެ ސަރުކާރުން މިކަމަށް ޚާއްސަ އިސްކަމެއްދީ، އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ފާހަގަކޮށް އަޅުގަނޑު ސަރުކާރަށް ޝުކުރު ދަންނަވަން.
ނިޒާރު ވިދާޅުވީ މީގެކުރިން ވެސް ސަރުކާރުތަކުން ޓެކްސްގެ އަދަަދުތައް ބަަދަލުކުރަމުން ދިޔަ ތަން ފެނުނު ކަމަށާއި، ނަމަވެސް ފަތުރުވެރިން އަންނަ މިންވަރު މަދުވި ތަނެއް ނުފެންނަ ކަމަށެވެ. އަދި އަހަރަކަށްވުރެ އަހަރަކު ފެނިގެންދިޔައީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކެން އައި ފަތުރުވެރިންގެ އަދަދު އިތުރުވެގެންދިޔަ މަންޒަރުކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރުގެ ވާހަކައިގައި ވަނީ ޓެކްސް ބޮޑުކުރި ކަމުގައި ވިޔަސް ދެން ވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް ފަތުރުވެރިން ގެނެވެން އޮތީ އެއީ ކޮން ގޮތްތަކެއްތޯ ބަލައި އެގޮތަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
ނިޒާރު އިތުރަށް ވިދާޅުވީ ރިސޯޓުތަކާއި ގެސްޓުހައުސްތަކުގައި ވަޒީފާތަކުގައި ދިވެހިންނަށް އޮތް ފުރުސަތު ހަނިކަން އަދިވެސް ފާހަގަކުރެވޭ ކަމަށެވެ. އަދި ސީނިއަރ މަގާމުތަކުގައި އަދިވެސް ތިބީ ބިދޭސީންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނިޒާރު ވަނީ އެންޓްރީ ލެވެލް، ސްޕަވައިޒަރ ލެވެލް މި މަގާމުތަކަކީ ދިވެހިންނަށް ޚާއްސަ މަގާމުތަކަކަށް ހަދަން މަޖިލީހުން މަސައްކަތް ކޮށްދެއްވުމަށް ވެސް ގޮވާލައްވައިފައެވެ.

