ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7,000 މުވައްޒަފުން ނެގި ކަމަށް ބުނެ، "އަދަދު" ނޫހުން ރިޕޯޓުކުރި ޚަބަރަކީ ބުހުތާނު ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ.
ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓާއަށްވުރެ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 1,000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިފަދަ ދޮގު ޚަބަރު ލިޔަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާއި، މިދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށެވެ.

