އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގައި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާއިން ފެށިގެން ހުޅުވައިލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ގްރޭޑް 1 ގެ އިތުރުން އެލްކޭޖީ، ޔޫކޭޖީއަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް ވެސް މާދަމާ އިން ފެށިގެން ހުޅުވައިލާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި، މިިނިސްޓްރީގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެންބަރު 15 ވަނަ ދުވަސް ކަމަށާއި، ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.
ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް ހުށަހަޅާނީ https://myoffice.moe.gov.mv/forms/id/2 އަށެވެ.
ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަޑިއަށް ޚާއްސަ ސަމާލުކަމެއް ދީގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ވަނީ ފަށާފައެވެ.

