"ވޭޕް އޮއިލް" ގެ ނަމުގައި ރާއްޖެއަށް ޑްރަގް ޝިޕްމަންޓެއް އެތެރެކުރި މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ކަސްޓަމްސްއިން ރޭގެ ވަގުތެއްގައި ހިފެހެއްޓި ޝިޕްމަންޓަކާ ގުޅޭ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ކަސްޓަމްސްއިން ހިފެހެއްޓި ޝިޕްމަންޓްގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ދަރިވަރުންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް، އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.

