ހަނިމާދޫ ސްކޫލްގައި “ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް”ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ.
އެ ޕްރޮގްރާމަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން އެއް ޙަރަކާތެވެ.
އެ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ އަލްފާޟިލް އިސްމާއީލް މުޙައްމަދެވެ. އިއްޔެ އިފްތިތާހުކުރި އެ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯބި އުފައްދައި، ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާން ޖީލެއް އުފެއްދުމެވެ.
އެ ޕްރޮގްރާމްގެ ދަށުން ހަނިމާދޫ ސްކޫލްގައި ވަނީ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ޙާޞިލް ކުރެވޭނެ ގޮތަށް ކުޑަ ގްރީންހައުސްއެއް ޤާއިމްކޮށްދީފައެވެ. މި ގްރީންހައުސްގައި ހައިޑްރޮޕޯނިކްސް ސިސްޓަމްގައި ފަތްޕިލާވެލީގެ ބާވަތްތަކާއި ކިޔުކަންބާ އާއި މެލަން ފަދަ ބާވަތްތައް ހައްދާނެ ހައިޑްރޮޕޯނިކްސް ނިޒާމެއްވެސްވަ ނީޤާއިމްކޮށް ދީފައެވެ.
އެ ޕްރޮގްރާމްގައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލްގެ ޕީޓީއޭ ގެ މެންބަރުން ހިމެނޭ ގޮތަށް ޖުމްލަ 50 ބައިވެރިން ބައިވެރިވެއެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި ވޭތުކުރާ ދުވަސްވަރު ދަނޑުވެރިކަމުގެ ތަޖުރިބާއާއި އިލްމު ލިބިދެވޭނެ މަގު ތަނަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގު އުޖާލާ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައިވެސް ދަނޑުވެރިކަމުގެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

