ދަނޑުވެރިންނަށް ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދަނޑުވެރިޔާ ގެ ނަމުގައި އެޕްލިކޭޝަންއެއް އިފްތިތާހްކޮށްފިއެވެ.
އެ އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް މިއަދު މިނިސްޓްރީން ކުރިއަށް ގެންދާ ޚާއްޞަ ޕެނަލް ޑިސްކަޝަންގެ ތެރެއިންނެވެ.
ދަޑުވެރިކަމާ ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ މިއީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް އީފާޑްގެ އެހީގައި މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް އެމް.އޭ.ޕީ ގެ ޕްރޮޖެކްޓުން ސޮލިޓެއަރ ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްގެން ޑިވެލޮޕްކުރަމުން ގެންދާ އެޕްލިކޭޝަނެއް ކަމަށެވެ.
2023 ވަނަ އަހަރު އެފް.އޯ. އޭގެ ގެ އެހީގައި އުފައްދާފައިވާ ވެބް އެޕްލިކޭޝަންގެ ކޮމްޕޯނަންޓްތައް އިތުރަށް ތަރައްޤީކޮށް މޮބައިލް ފޯނުން ފަސޭހަކަމާއެކު އެޕްލިކޭޝަންގެ ބޭނުންހިފޭނެ މަގުފަހިކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށްވެސް އ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ އެޕްލިކޭޝަން އިފްތިތާޙް ކުރިއިރު މިވަތު އެޕްލިކޭޝަނުން ލިބިލައްވާނީ ފަންނީ މައުލޫމާތާއި ކްރޮޕް ޕްލޭނަރގެ ޚިދުމަތްތައް ކަމަށާއި، އެޕްލިކޭޝަން އެއްކޮށް ނިންމައި ޚިދުމަތް ދިނުމަށް ޑިވެލޮޕަރ އާއި އެކު އެއްބަސްވެވިފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކަމަށްވެސް ބުނެފައި ވެއެވެ. މި އެޕްލިކޭޝަން އެއްކޮށް ފުރިހަމަ ވެގެންދާއިރު ފަންނީ މައުލޫމާތާއި ކްރޮޕް ޕްލޭނަރގެ އިތުރުން ދަނޑުވެރިކަމުގެ އެކި މައްސަލަތަކާއި ގުޅޭގޮތުން ފަންނީ މަޝްވަރާތައް ކުރުމަށާއި ޙައްލުތަށް ހޯދުމަށް ފޯރަމްއަކާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ފަހި މާޙައުލެއް ތަނަވަސްކުރުމަށްޓަކައި އުފައްދާ ފަރާތްތަކާއި ގަންނަ ފަރާތްތަކާއި ގުޅުވައިދެވޭ މާކެޓް ޕްލެޓްފޯމަކާއި ބާޒާރުގައި ދަނޑުވެރިކަމުގެ އެކި އުފެއްދުންތަކުގެ އަގަށް އަންނަމުންދާ ބަދަލުތައް ޙިއްޞާކުރާނެ ޚާއްޞަ ކޮމްޕޯނަންޓެއް ހިމެނޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

