ރާއްޖޭގައި ވޭޕް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ނިންމާފައިވާތީ ވޯލްޑް ހެލްތު އޯގަަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރައީސް ޑރ، މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާ ކަމަށާއި، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުމަކީ ވެސް މަނާ ކަމެއް ކަމަށް ވަނީ ނިންމާފައެވެ. އަދި މި ކަމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ޑަބްލިއު އެޗް އޯ އިން ބުނެފައިވަނީ މިއީ ހާއްސަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕްކުރުން އިތުރުވުމުގެ ކަންބޮޑުވާ ޓްރެންޑް ހުއްޓުވުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން ވަނީ އީ-ސިނގިރޭޓް ބޭނުންކޮށްފައި ކަމަށެވެ.
ހާއްސަކޮށް ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް)، ހިމެނޭ ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ހާއްސަކޮށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމަށްވެސް ބުނެފައި ވެއެވެ.

