ތިނަދޫ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024، ހިންގުން ހަވަރު ސްޕޯޓްސް ކުލަބާއި ހަވާލުކޮށްފިއެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިޔާތުގައި ހަވަރު ސްޕޯޓްސް ކުލަބުގެ ފަރާތުން ސޮއިކުރެއްވީ ކުލަބުގެ ފައުންޑާ މުހައްމަދު ޔާސިރު އެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެވެ.
މިމުބާރާތަކީ ތިނަދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް ވާދަވެރި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ސިޓީ ކައުންސިލުން ބާއްވަމުން އަންނަ މުބާރާތެކެވެ.
އެގޮތުން މިއަހަރުގެ މުބާރާތް ހިންގުން ހަވަރު ސްޕޯޓްސް ކުލަބާއި ހަވާލުކުރިއިރު، އެކުލަބަކީ ތިނަދޫގައި ހަރަކާތްތެރިވަމުން އަންނަ ކުލަބު ޖަމުއިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ކުލަބު ޖަމްއިއްޔާ އެވެ. އަދި މީގެ ކުރިން ވެސް އެކުލަބުން ވަނީ ތިނަދޫގައި ވަރަށް ކާމިޔާބު ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވާފައެވެ.
މީގެ އިތުރުން މިމުބާރާތަކީ ހަވަރު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށް ތިނަދޫ ސިޓީގައި ބާއްވާ ނުވަ ވަނަ ފުޓްސަލް މުބާރާތެވެ.

