ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްފަރާތްތަކާއި، އިންޑިއަން ހައިކޮމިޝަންގެ ބޭފުޅުންނާއި، އިންޑިއާ އެގްޒިމް ބޭންކުގެ ބޭފުޅުންނެވެ.
އެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ފެލިވަރުގައި އަޅާ މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ޚިދުމަތް ދިނުން އަވަސް ކުރުމެވެ. އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމަށް ފަސޭހަވެގެން ދާނެއެވެ.
ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މަސްވެރި ވުޒާރާއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުވަނީ ފެލިވަރަށް ގޮސްފައިވާ ކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

