ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޢާއިޝަތު ޞަފޫރާ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފިއެވެ.
ޑރ. ފައިރޫޝް ހޯމް މިނިސްޓްރީއަށް ބަދަލުކޮށްފައިވާއިރު، މި ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން އޭނާ ގެންދަވަނީ އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުންނެވެ.
ޑރ. ފައިރޫޝްއަކީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ރިޓަޔާކުރެއްވީ 2021 ވަނަ އަހަރުއެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޢާއިޝަތު ޞަފޫރާ ވަނީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފައެވެ.
ސީއެޗްއެސްއީގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ ޞަފޫރާ އެ މަގާމަށް ބަދަލުކޮށްފައިވާކަން ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ.
ޑރ. ފައިރޫޝް ހޯމް މިނިސްޓްރީއަށް ބަދަލުކުރުމާއެކު އެ މިނިސްޓްރީގައި މިހާރު ތިއްބަވަނީ 4 ސްޓޭޓް މިނިސްޓަރުންނެވެ. އަދި ޞަފޫރާ ޑިފެންސް މިނިސްޓްރީއަށް ބަދަލުކުރުމާއެކު އެ މިނިސްޓްރީގައި މިހާރު ތިއްބަވަނީ 2 ސްޓޭޓް މިނިސްޓަރުންނެވެ.

