އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ ޕޯޓަލްކަމަށްވާ “އިމިގްރޭޝަން ވޮޗް” އަށް މިހާތަނަށް 800 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފިއެވެ.
”އިމިގްރޭޝަން ވޮޗް” އިފްތިތާހުކުރީ މިދިޔަ ޖުލައި މަހު 17 ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން މިއަދު ވަނީ ޖުލައި 17 އިން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް “އިމިގްރޭޝަން ވޮޗް” އަށް ހުށަހެޅުނު މައްސަލަތަކުގެ މައުލޫމާތު ހިމެނޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖުމްލަ 840 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެތެރެއިިން 596 މައްސަލައެއް ވަނީ ބަލާފައެވެ.
ހުށަހެޅުނު މައްސަލަތަކުގެތެރެއިން އެންމެ ގިނައީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ މައްސަލައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި 221 މައްސަލަ ހިމެނެއެވެ.
ދެވަނައަށް އެންމެ ގިނައީ ވިސާ ނެތް ބިދޭސީންގެ މައްސަލަތަކެވެ. އަދި ތިންވަނައަށް އެންމެ ގިނައީ ހަށިވިއްކުމުގެ މައްސަލަތަކެވެ.
”އިމިގްރޭޝަން ވޮޗް” ޕްލެޓްފޯމު މެދުވެރިކޮށް ކޮންމެ ފަރާތަަކަށް ވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. އަދި ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތު ވެސް ހިއްސާ ކުރެވިދާނެއެވެ.
މި ޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، “އެނޮނިމަސް” ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ.
މި ޕްލެޓްފޯމުގެ އެހީގައި އާންމުންނަށް 24 ގަޑިއިރު އިމިގްރޭޝަނަށް މައްސަލަތައް ރިޕޯޓްކުރެވޭނެއެވެ.

