ކޮޓަރިއެއްގައި އަލިފާން ރޯކޮށްލި މީހަކު ހައްޔަރުކޮށްފި ގަސްދުގައި އަލިފާން ރޯކޮށްލުމުގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ.އުއިވަށާގެ ޔައީޝް އަޙްމަދު (26 އ) އެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކުރިިއަށް ގެންދިޔަ މަޖިލީހުގައި އޭނާ ބުނެފައިވަނީ އަލިފާން ރޯކޮށްލީ ކޮޓަރީގައި ޑިޒައިނެއް ހެދުމުގެ ގޮތުން ކަމަށެވެ.
ފުލުހުން އެ ތަނަށް ދިޔައިރު، ފާރުގައި ހުރި ކަރުދާސްތަކެއްގައި ރޯކޮށްފައި ހުއްޓާ ފެނުމުން ވަނީ އަލިފާން ނިއްވާލައިފައެވެ. އޭގެފަހުން ޔައީޝް އެތަނަށް އައުމުން އޭނާއާ ސުވާލުކުރުމުން އަލިފާން ރޯކުރިކަމަށް ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޔައީޝްއަކީ ހައްޔަރު/ބަންދު ރެކޯޑު އޮތް މީހެއްކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލާގައި ޔައީޝް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

