މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީން މިއަދު ކުރި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލަށް އާންމު 3 މެންބަރުންނާއި މީޑިއާތަކުން 7 މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވައިލާ ކަމަށެވެ.
ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 23 އަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން ފެށިގެން މެންދުރު 13:30 އަށް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.
މީގެއިތުރުން މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެވެ.
ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް އިއުލާނާއެކު ވަނީ އެއްކަރުދާސްކޮށްފައެވެ.
މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް ފޯމު ހުށަހަޅަން ހުޅުވައިލި ފުރުސަތު މިދިޔަ މަހުގެ 25 ގައި ވަނީ ހަމަވެފައެވެ.
މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތަކުން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން އިންތިހާބުކުރާ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކައުންސިލްގެ މެމްބަރުކަމުގެ ދައުރަކީ ދެ އަހަރުގެ މުއްދަތެވެ. އެއްވެސް ފަރާތަކަށް ކައުންސިލްގެ މެންބަރު ކަމުގައި ޖެހިޖެހިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.
މީޑިއާ ކައުންސިލަކީ ބްރޯޑްކާސްޓަރުން ފިޔަވައި ރާއްޖޭގައި ހިމެނޭ އެހެން މީޑިއާތަކުގެ ބެލެނިވެރި ފަރާތެވެ.

