ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމް ކުރެވި، ފަރުވާ ތަންފީޛު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑާއި ޑްރަގް ކޯޓާ ދެމެދު އިއްޔެ ބޭއްވިި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.
މީގެއިތުރުން އެންޑީއޭގެ ޓެކްނިކަލް ކޮމިޓީއާއި ޑްރަގް ކޯޓާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އެދެވޭ ނަތީޖާ ނެރުމަށްޓަކައި ދެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާއި މެދު މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން އެންޑީއޭގެ މަސައްކަތަށް އަދި މަސްތުވާތަކެތީގެ ފަރުވާދޭ ނިޒާމްތައް ހަރުދަނާކުރުމަށްޓަކައި ކުރާ ހޭދަވަނީ އެތަކެއް ގުނައެއް އިތުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ކުރުމަށްޓަކައި އެންޑީއޭއިން މަސްތުވާތަކެތީގެ ފަރުވާދެވޭ މީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވައިލާ، މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އެންޑީއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި، ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކުރުން ކަމަށް އެންޑީއޭގެ ބޯޑުން ވަނީ ބުނެފައެވެ.

