މާލެ ސަރަހައްދުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި 4 މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވާފައިވަނީ، ގދ.ތިނަދޫ/ރަންގަލް، ޙަސަން ލޫތު (45އ) އާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ޙަސަން ރަޝީދު (36އ) އާއި، ތ.ތިމަރަފުށި/ވައިޓްރޯސް، އިސްމާޢީލް ޝަރީފް (43އ) އާއި، މއ.ހަސްލަތު، ޝާނިޔާ އިބްރާހިމް (35އ) ގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 ވަނަ އަހަރު ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރި މާލޭގެ ހަތަރު ތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައެވެ.
ގ. ނީ، މއ. ހަނީސަކަލް، މ.ބުރެހިމާގެ އަދި މ.ރޭއަލި ގެސްޓުހައުސްއިން 54 ގްރާމް ޑައިމޯފިންއާއި، 266 ގްރާމް ކެނަބިސް ފެނިފައިވެއެވެ.
ޖަލު ހުކުމުގެ އިތުރުން ޙަސަން ލޫތު ދެ މިލިއަން ރުފިޔާއިން، ޙަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން އަދި އިސްމާޢީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މި މައްސަލާގައި އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު، 1,542,675 ރުފިޔާ ވެސް ފެނިފައިވެއެވެ.
ޝަރީއަތުން ވަނީ މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައި ދައުލަތަށް ނެގުމަށް ހުކުމްކޮށްފައެވެ.

