ނ.މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި، ބޭރުތޮށިލުމުގެ މަޝްރޫއުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީއިން މިއަދު ބުނެފިއެވެ.
މިކަން ހާމަކޮށް ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ބަނދަރުގެ ދެކުނު ކޮޅުގައި ޖެޓީ ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ވެސް ވަނީ ނިމިފައެވެ.
މަނަދޫ ބަނދަރުގެ މަސައްކަތް ފެށީ 2021 ގައެވެ.
މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި، 29,038 ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރު ސަރަހައްދުގެ ބޭރުތޮށިލުމާއި، 188 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ޖެހުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބުރިޖެއް ހެދުން ހިމެނެއެވެ.
އެމްޓީސީސީއިން މިއަދު ހާމަކުރި ގޮތުގައި ހއ.ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި، ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީއިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބަލާއިރު، އެ ކުންފުނިން އިއްޔެ ބުނި ގޮތުގައި ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 30 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ.
ީމީގެއިތުރުން ގއ.ވިލިނގިލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީިގެ މަސައްކަތުގެ 52 ޕަސެންޓް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމުތޮށިލުމަށް ބޭނުންވާ އެންކަރ ބްލޮކް އެތުރުމުގެ މަސައްކަތާއި ހާބަރ ޕޭވްމަންޓްގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

