ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް އެ ޕްލޭން ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ނިންމަވާފައިވަނީ ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖުތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓަރ ޕްލޭން އެކުލަވައިލެއްވުމަށެވެ. އަދި މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށް ވެސް ރައީސް ނިންމަވާފައިވެއެވެ.

