އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ ގާނޫނީ ފްރޭމްވަރކެއް ވެސް ހިމެނޭ ގޮތަށް މާސްޓަރ ޕްލޭނެއް އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ކަމަށެވެ.
މި ޕްލޭން އެކުލަވައިލެއްވުމުގައި އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިގުތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި، އެ ޓެކޮނޮލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި އަމަލުކުރާނެ ގާނޫނީ ފްރޭމްވަރކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ގައުމުތަކުން އަމަލުކުރަމުންދާ ގޮތްތަކަށް ރިއާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްލޭން އެކުލަވައިލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

