ޕީޕީއެމްގެ ނައިބު ރައީސަކަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު އައްޔަންކޮށްފިއެވެ.
ޑރ. ޚަލީލް މި މަގާމަށް އައްޔަންކުރީ މިއަދު ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް ބޭފުޅަކު އައްޔަންކޮށްފައެވެ. މި މަގާމަށް އައްޔަންކުރީ އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމެވެ.
ޑރ. ޚަލީލުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ތިއްބަވަނީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޕީޕީއެމްގެ ރައީސްކަމުން އިސްތިއުފާދެއްވުމާއެކު އެ މަގާމު މިހާރު އޮތީ ހުސްކޮށެވެ.

