އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ މުހިންމު ދެ މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު އިންތިޚާބުވެވަޑައިގެންފިއެވެ.
މި ދެ މެންބަރުން އިންތިޚާބުކުރީ މިހާރު ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައެވެ.
އެގޮތުން އައިޕީޔޫގެ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިންގ ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލް ކުރުމަށް އިންތިޚާބުކޮށްފައިވަނީ މާފަންނު މެދުދާއިރާގެ މެންބަރު އަލްފާޟިލާ އަސްމާ ރަޝީދެވެ.
ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލް ކުރުމަށް އިންތިޚާބުކޮށްފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާއެވެ.
އައިޕީޔޫގެ މި ދެ މަގާމަކީ އޭޝިޔާ ޕެސިފިކް ސަރަހަދުގެ އަންހެން މެންބަރުންނަށް ހުޅުވާލެވުނު ދެ މަގާމެކެވެ.
މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އައިޕީޔޫގެ އެކި މަގާމުތައް އަދާކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރުއެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އައިޕީޔޫގެ މެންބަރު ގައުމުތަކުގެ ތެރެއިން ހަރަކާތްތެރި އެއް ގާނޫނުހަދާ މަޖިލިސްކަމަށް ފާހަގަކޮށް، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް، އައިޕީޔޫގެ އެސެމްބްލީގައި ވަނީ ދައްކާފައެވެ.

