މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މީހެކެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކުރުމުގެ ތުހުމަތެވެ.
އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 13 ރަބަރު ޕެކެޓާއި، ފައިިސާ ފެނިފައިވެއެވެ.
އޭނާގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އޭއެމްޕީ އާއި، އޯޕީއައި އާއި، ބެންޒޯއަށް ޕޮޒިޓިވްވެފައެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. މުއްދަތު މަޖިލީހުގައި އޭނާ ބުނެފައިވަނީ ތުހުމަތުތަކާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

