ސްޓެލްކޯގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑާޝިޕާއި ތަސައްވުރުގެ ދަށުން ސްޓެލްކޯއިން ތަރައްގީކުރަމުން އަންނަ 7,500 އަކަފޫޓުގެ ބިޒްނަސް ސެންޓަރަކީ ދެ ފަންގިފިލާ ހިމެނޭ ގޮތަށް ހަދާ ސެންޓަރެއް ކަމަށާއި، ސެންޓަރު ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ސްޓެލްކޯގެ މުވައްޒަފުން ކަމަށެވެ.
އިތުރު ބަޔަކާ ހަވާލުނުކޮށް ހަމައެކަނި އެ ކުންފުނީގެ މުވައްޒަފުން ސެންޓަރު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމުގެ ސަބަބުން ގާތްގަނޑަކަށް 13 މިލިއަނެއްހައި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ބިޒްނަސް ސެންޓަރުން އިންޖީނާއި، ޓްރާންސްފޯމަރާއި، ކޭބަލާއި، ސްޓޯރޭޖް ސިސްޓަމްތައް ހިމެނޭ ގޮތަށް އިއާދަކުރުވަނިވި ހަކަތައަށް ބޭނުންވާ އައު ކޮމްޕްރެހެންސިވް ސޮލިއުޝަންތައް ފޯރުކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެ ފުރިހަމައަށް ތައްޔާރުވެފައި އޮތުން ކަށަވަރުކުރެވިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

