ހުޅުމާލޭގައި ހަދަމުންދާ ކެޓް ޝެލްޓަރ ޕްރޮޖެކްޓަކީ ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށާއި، އަންނަ މަހު އެ ތަން ހުޅުވޭނެ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާކަމުގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ވަނީ ވިލިމާލޭގައި ކެޓް ޝެލްޓަރ އެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްފައެވެ.
އޭރު އެ މަސައްކަތަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، މަސައްކަތް ނުފެށި ދިގުދެމިގެން ދިޔައީ އޭރުގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށް ރައީސް ޑރ. މުޢިއްޒު ކުރިން ވިދާޅުވެފައިވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުން އައި ވާހަކަތަކެއް ކަމަށާއި، ނަމަވެސް ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އަމަލީ މަސައްކަތް ފެށުނީ ރައީސް ޑރ. މުޢިއްޒު މާލޭ ސިޓީ މޭޔަރަކަށް ހުންނެވިއިރު، ފެށްޓެވި މަސައްކަތުން ކަމަށެވެ.
ކައުންސިލުގައި ރައީސް މުޢިއްޒު ހުންނަވައި، ޓޯޓަލް ސޮލިއުޝަން ބުޅަލުގެ މައްސަލައެއް ހޯއްދަވަން ކުރަމުން އައި މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން އެކަމަށް ދެންޖެހޭ ބިން ނުދީ ހިފެހެއްޓުމުން! ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު ފުރަތަމަ އަހަރުތެރޭގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރ މިނިސްޓްރީއާ އެ މަސައްކަތް ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، ސަރުކާރުން ހުޅުމާލެއިން ފަހިކޮށްދިން ބިމުގައި މިހާރު ކެޓް ޝެލްޓަރ އެއް ބިނާކޮށް ނިމިފައިވާ ކަމަށެވެ. އަދި އަންނަ މަހު ކުރީކޮޅު އެ ތަން ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ މިއީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެއް ކަމަށެވެ. އަދި މިކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުން ކަމަށެވެ.
މާލޭގެ ރައްޔިތުންގެ މިބޮޑު ކަންބޮޑުވުމަށް ގެނެސްދެއްވި އަވަސް ހައްލަށް ހައްގު ޝުކުރު ރައީސް މުޢިއްޒަށް ދަންނަވަން!
ހުޅުމާލޭ ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރ ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.
ކެޓް ޝެލްޓަރ ހަދާފައިވަނީ 5,000 އަކަފޫޓުގެ ބިމެއްގައެވެ. އެ ތަނުގައި ކެޓް ޝެލްޓަރ ގާއިމުކުރުމުން މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންގޮސް ފަރުވާދީ، ބެލެހެއްޓުމުގެ މަސައްކަތް ފަށާނެއެވެ. މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތްދޭނެ ފެސިލިޓީއެކެވެ.
ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އިން އެންމެ ފަހުން ބުނެފައިވާ ގޮތުން މާލެ ސަރަހައްދުގެ މަގުތަކުގައި 3,000 އަށްވުރެ ގިނަ ބުޅާ އުޅެއެވެ. އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އެ އަދަދު 9,000 އަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

