ގއ.ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.
ކޫއްޑޫ އެއާޕޯޓުން މިއަދު ބުނީ މި މަސައްކަތަށް ބޭނުންވާ މެޝިނަރީޒްއާއި، މެޓީރިއަލްސް އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށާއި، މިއަދު ހަވީރު މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
ކުއްޑޫ އެއާޕޯޓުގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވެ، މިދިޔަ ހަފުތާގައި ވަނީ އެ އެއާލައިނުން ކޫއްޑުއަށް ކުރަމުން އައި ދަތުރުތައް ވެސް ހުއްޓާލާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއާޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކޫއްޑޫ އެއާޕޯޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިނިސްޓަރު މުޙައްމަދު އަމީން ވަނީ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެކަމަށް ވިދާޅުވެފައެވެ.
މޯލްޑިވިއަންއިން ބުނެފައިވަނީ މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވުނުހައި އަވަހަށް ދަތުރުތައް ފަށާނެ ކަމަށެވެ.

