މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން “އެމްއޭސީއެލް ކެރިއަރ 2024” ގެ ނަމުގައި މިއަދު ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްއޭސީއެލްއިން ބުނީ މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމްގެ ދަށުން ބޭއްވުނު ފުރަތަމަ ފެއަރ މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޣާޒީ ސްކޫލްގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނީ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއާޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުންނަށް އެ ކުދިންގެ މުސްތަގުބަލާމެދު ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވުން ކަމަށެވެ.
މިއަދުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެމްއޭސީއެލްގެ އަމާޒެއް ކަމަށެވެ. އަދި ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމްއޭސީއެލް ފަދަ ކުންފުންޏަކުން ހުޅުވިފައިވާ ފުރުސަތުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ގިނަ އެއާޕޯޓުތަކާ ޚިލާފަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ވަކި ރަށެއްގައި ހިންގާ އެއާޕޯޓެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ހުޅުލެއަކީ އެއާޕޯޓް އޮޕަރޭޝަންސްގެ އިތުރަށް ވަރަށް ގިނަ މުނިސިޕަލް ޚިދުމަތްތަކާއި އެހެނިހެން ދާއިރާތަކެއް ވެސް ހުރި ތަނެއް ކަމަށެވެ.
އެހެންކަމުން އެމްއޭސީއެލްއަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެފައި އޮތް ކުންފުންޏެއް ކަމަށާއި، ކުންފުނީގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތް ކުރަމުންދާތަން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ސެޝަނަކަށް ބަހާލައިގެންނެވެ.
ކޮންމެ ސެޝަންއެއްގައި ލަކީޑްރޯއެއް ނެގުމަށް ހަމަޖެހިފައިވާއިރު، މި ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި ފެއަރ ކުރިޔަށްދާ ވަގުތު ގުރުއަތުން ހޮވޭ 10 ދަރިވަރަކަށް ހަދިޔާ ލިބިގެންދާނެ ކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

