ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ކަންތައްތައް ކޮށްފައިވާ ކަމަށާއި، މި މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ ވިދާޅުވީ ކުރީ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް މިދިޔަ އަހަރުތަކުގައި 2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެ ޚަރަދުތައް ކުރުމަށްފަހު، އެކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި ހިމަނާފައިނުވާ ކަމަށެވެ.
ދެ ބިލިއަނެއްހައި ރުފިޔާ އެބަހުރި. ފިނޭންސް މިނިސްޓްރީގެ އުސޫލުތަކުގެ ތެެރެއިން ހިސާބުތަކަށް ނުވައްދާ
އެ ދެ ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓަށް ރިކޯޑުކުރެވިއްޖެނަމަ އެއީ ގާނޫނާ ޚިލާފުކަމަކަށް އެބަވޭ. އެކަމަށް ގާނޫނީ ހައްލެއް ހޯދަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ.
އުޝާމް ވިދާޅުވީ އެ އަހަރެއްގެ ޚަރަދުތައް ހަމަޖައްސަންވާނީ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްވަރަށް ކަމަށާއި، އެއަށްވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އޭޖީ ވިދާޅުވީ މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރުމަށްފަހު، ސަޕްލިމަންޓް ކުރުމަށް ބަޖެޓް ހުށަހެޅުމަކީ ވެސް ގާނޫނާ ޚިލާފުކަމެއް ކަމަށެވެ. އެކަމަކު މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރުން ފެށިގެން ބަޖެޓް ހުށަހަޅާފައިވަނީ އެގޮތަށް ކަމަށާއި، އޭރު މަޖިލީހުގައި އެ ޝަކުވާ އުފުލާފައިވާނެ ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ވިދާޅުވިއެވެ.
ތަކުރާރުކޮށް ވޭތުވެދިޔަ ދެތިން އަހަރުތެރޭގައި އެކަން ކުރަމުން ގޮސް، ގާތްގަނޑަކަށް ދެ ބިލިއަނެއްހައި ރުފިޔާ ސިސްޓަމް ތެރެއަށް ރެކޯޑު ނުކުރެވި ހުރިކަން ފާހަގަކުރައްވަމުން އޭޖީ ވިދާޅުވީ މިކަމުގައި ކުރީ ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ޚިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރިކަމަށާއި، މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރި ކަމަށެވެ. އަދި މި މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.

