މިއަހަރުގެ ބަޖެޓުން ޚަރަދުތައް ހަމަޖައްސަން ދަތިވާނެތީ، ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަން ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، އަދި އެއީ ސީދާ ކިހާ އަދަދެއް ކަމެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ.
ލަފާކުރެވެނީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅޭނެ ކަމަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑަކަށް ހިއެއްނުވޭ 10 ބިލިއަނާ ހަމައަށް ދާނެހެނެއް. އެއަށްވުރެ އަޅުގަނޑުމެންގެ ފޯކާސްޓްތަކުން ދައްކަނީ ސްޕެންޑިންގ އާއި ރައީސް ފަހަކަށް އައިސް ގެންނެވި ހަރުދަނާ އިސްލާހުތަކާއެކު.
ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވީ ކުރީ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް މިދިޔަ އަހަރުތަކުގައި 2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި އެކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި ހިމަނާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އަހަރެއްގެ ޚަރަދުތައް ހަމަޖައްސަންވާނީ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްވަރަށް ކަމަށާއި، އެއަށްވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ވެސް އުޝާމް ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރުމަށްފަހު، ސަޕްލިމަންޓް ކުރުމަށް ބަޖެޓް ހުށަހެޅުމަކީ ގާނޫނާ ޚިލާފުކަމެއް ކަމެއްކަން ވެސް އުޝާމް ފާހަގަކުރެއްވިއެވެ.
ނަމަވެސް މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރުން ފެށިގެން ބަޖެޓް ހުށަހަޅާފައިވަނީ އެގޮތަށް ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.
އޭޖީ ވަނީ މިދިޔަ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ނޫނުއަސާސީގެ 96 ވަނަ މާއްދާއާ ޚިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރިކަމަށާއި، މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރިކަން ފާހަގަކުރައްވައި އެކަމާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

