ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މިއަދު ފަށައިފިއެވެ.
ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމް ވަނީ އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާ ޕްލެޖްގެ ލިޔުން ހަވާލުކުރައްވައިފައެވެ.
ތިލަފުށީގައި ރަސްމީކޮށް ފެށި މި ހަރަކާތުގެ ތެރެއިން ގަސް އިންދުމުގައި ވަޒީރު ޠާރިޤާއި، ސީއީއޯ ވަޖީހުގެ އިތުރުން އެމްޕީއެލްގެ މުވައްޒަފުން ވަނީ އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަމުން ސީއީއޯ ވަޖީހް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، 5 އަހަރުގެ ތެރޭގައި އެމްޕީއެލްއިން ވެސް 1 މިލިއަން ގަސް އިންދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވަނީ ކައުންސިލުތަކާއި، ކްލަބުތަކާއި، ޖަމްއިއްޔާތަކާ ގުޅިގެން ކަމަށާއި، މިކަމަށް ވަކި ޓާސްކްފޯސްއެއް އެކުލަވައިލާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ ގަސް އިންދާއިރު ބޮޑަށް އިސްކަންދޭނީ ކާބޯތަކެތި އަޅާ ގަސް ހެއްދުމަށް ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން ވަނީ ފަސް އަހަރުތެރޭގައި ފަސްލައްކަ ގަސް އިންދުމަށް އަމާޒު ހިފާފައެވެ.

