ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ތިބޭ ކުދިންގެ މުސަތަޤުބަލާމެދު ކަންބޮޑުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފިޔަވަތީގައި ރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ ފިޔަވަތީގައި ގެންގުޅޭ ކުދިންގެ ކޮންމެ ދުވަހެއްގެ ހަޔާތް މިގޮތަށް ދާނަމަ އެކުދިންގެ މުސްތަޤުބަލާމެދު ކަންބޮޑުވާ ކަމަށެވެ. އަދި މިކަމުން ހާމަވެގެންދަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރުކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ދައުލަތުން ބަލަހަޓަމުން ގެންދާ ކުދިންނާއި ދޭތެރޭ ދައުލަތުން އިހުމާލުވަމުންދާކަމަށް އަޑުއުފުލަމުންދާ ދުވަސްވަރެއްގައި މިފަދަ ހާދިސާއެއް ފިޔަވަތީގައި ހިގާ ދިޔުމުން އާންމު ރައްޔިތުންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ކުދިން ބެލެހެއްޓުމުގައި ފަރުވާ ކުޑަކުރުމާއި އެކުދިންނަށް އަނިޔާކުރާ ވާހަކަ އެތަނުގައި ދިރިއުޅޭ ކުދިންގެ ފަރާތުން ވަނީ ހާމަވެފައެވެ. މިފަދަ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން އެޗްއާރުސީއެމުން ދަނީ އެމައްސަލަތައް ބަލަމުންނެވެ.
ފިޔަވަތީގައި ރޭ ހިގާދިޔަ ހާދިސާގައި އަލިފާން ރޯކޮށްފައިވަނީވެސް އެތާނގައި ދިރިއުޅޭ ކުދިންނެވެ. އެތާނގައި ދިރިއުޅޭ ބައެއް ކުދިންގެ އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި ފިޔަވަތީގައި ތިބޭ މަސައްކަތު މީހުން ކުދިންނަށް ވަރަށް އަނިޔާކުރާ ކަމަށާއި ބެލެނެވެރިން ކައިރީ އެވާހަކަ ބުނެފިނަމަ އިތުރަށް އަނިޔާ ކުރާނެ ކަމަށް ބިރުދައްކާ ކަމަށް އެކުދިން ވަނީ ހާމަކޮށްފައެވެ. ފިޔަވަތީގައި ދިރިއުޅުމަށްފަހު އާއިލާއާ ހަވާލުކޮށްފައިވާ ބައެއް ކުދިން ވަނީ މިފަދަ ކަންތައްތަކުގެ ވާހަކަ މީޑިޔާގަވެސް ހިއްސާކޮށްފައެވެ. އެހެންނަމަވެސް މިއަދާ ޖެހުނުއިރުވެސް މިއިން އެއްވެސް ކަމެއް ކަމާއިބެހޭ ފަރާތަށް ހުށަހެޅި މައްސަލަ ބެލިފައިނުވެއެވެ. ހިތާމަޔަކީ މިފަދަ މައްސަލަތައް ކަމާއިބެހޭ ފަރާތަށް ހުށަހެޅުނު ކަމުގައިވިޔަސް ދައުލަތުން މިފަދަ ކަންތައްތައް ރަނގަޅުކޮށްފައިނުވާކަމެވެ.
ރޭ ފިޔަވަތީގައި އަލިފާން ރޯކުރުމަށްފަހު ކުދިން ފާރުމައްޗަށް އަރާ ފިލަން އުޅުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ވަނީ ބަލަން ފަށައިފައެވެ.
މިކަންތައްތައް މިހެން ހުރުމާއި ގުޅިގެން މެމްބަރު ޝިޔާމް ވިދާޅުވަނީ ސަރުކާރެއް ފެއިލްވާނީ މިވަރަކަށެވެ.

