ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ރަމްޒެއްގެ ގޮތުން ތަރައްގީކުރި ސިނަމާލެ ބުރިޖު ޕާކު އިއްޔެ ހުޅުވައިފިއެވެ.
މި ޕާކު ހުޅުވައިދެއްވީ އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލިޝިންއެވެ.
ލޮނުޒިޔާރަތްކޮޅުގައި ސިނަމާލެ ބުރިޖު ކައިރީގައި ތަރައްގީކޮށްފައިވާ މި ޕާކުގައި ބުރިޖު ތަރައްގީކުރި ދުވަސްވަރުގެ ފޮޓޯތަކާއި، ބުރިޖުގެ މައުލޫމާތު ހިމެނޭ ފޮޓޯތައް ވަނީ އާންމުންނަށް ފެންނާނެހެން އެ ސަރަހައްދުގައި ބަހައްޓާފައެވެ.
މީގެއިތުރުން އެ ސަރަހައްދުގައި އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ މި ޕާކަކީ މުޖުތަމައު ގުޅުވައިލުމަށް ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކާއި ދެ ގައުމުގައި އޮތް ޒަމާންވީ ގާތް ގުޅުން ދައްކައިދޭނެ ތަނެއް ކަމަށެވެ.

