ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެމަފިރިން އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ މުޙައްމަދު ޝޯއިބް (41 އ) އާއި، އައިޝާ (38 އ) ކިޔާ މީހެކެވެ.
އެ ދެ މީހުން މެލޭޝިޔާ އެއާލައިނުން ރާއްޖެ އައިއިރު، އެ ދެ މީހުންގެ އަމަލުތައް ހުރި ގޮތުން އެ މީހުންގެ ލަގެޖު އެކްސްރޭކުރުމުން އައިޝާގެ ނަމުގައި އިން ލަގެޖުގެ ފުލުގައި ކޮންސީލްމަންޓެއް ހުރިކަމަށް ފާހަގަކުރެވި، އެއީ މަސްތުވާތަކެތި ކަމަށް ބެލެވިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ފުލުހުންނާ ހަވާލު ކުރެވުނު ކަމަށާއި، ލަގެޖުގެ ތެރެެއިން 2.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކުރީ 3 ދުވަހަށް އެ ދެ މީހުން ބަންދުކުރުމަށެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
އެ ދެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

