މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ކޯރޕަރޭޓް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމް – އޭޝިޔާ ޕެސިފިކް ގުޅިގެން “އައިކާއޯ ބިހޭވިއަރ ޑިޓެކްޝަން ކޯސް”ގެ ނަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ގޮތުން މިއަދު ނިމިގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ޑާސާގެ އިސްނެގުމުގެ މަތިން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ މައި ޖަމިއްޔާ ކަމުގައިވާ އައިކާއޯގެ އޭޝިޔާ ޕެސިފިކް ރީޖަނަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދެވުނު ތަމްރީން ޕްރޮގްރާމެކެވެ. 05 ދުވަހުގެ މުއްދަތަށް ޖުމްލަ 20 ބައިވެރިންނާއިއެކު ކުރިޔަށް ގެންދެވުނު އެ ޕްރޮގްރާމްގައި އިންޑިޔާ، ބޫޓާނު، ނޭޕާލް، މޮންގޯލިއާ އަދި ފިލިޕީންސްގެ އިތުރުން، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މަންތާ އެއަރގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އޭވިއޭޝަން ސިނާއަތަށް އަމާޒުކޮށް ޤާނޫނާ ޚިލާފު ހަރަކާތްތައް ހިންގާ މީހުންގެ އަމަލުތައް ދުރާލާ ދެނެގަތުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ބައިވެރިންނަށް ފޯރުކޮށްދެވޭނެ ގޮތަށް ބައްޓަން ކުރެވިފައިވާ މި ކޯސް އަމާޒު ކުރެވިފައިވަނީ އޭވިއޭޝަންއާއި ގުޅުންހުރި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އޭވިއޭޝަންގެ ސަލާމަތީ މިންގަނޑުތައް ތަންފީޒްކުރުމުގެ މަރުހަލާގައި މަސައްކަތްކުރާ އެކި ފަންތީގެ މުވައްޒަފުންނަށެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލުމުގެ ޒިންމާ އަދާކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުވެ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކަކީ، އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފުރިހަމަ މިންގަނޑުތަކެއް ހިފަހައްޓާ، އަދި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ވައިގެ ބަނދަރުތަކަކަށް ވެގެން ދާނެއެވެ.
މިފަދަ ޕްރޮގްރާމްތަކުގައި އެހެނިހެން ޤައުމުތަކުގެ މަންދޫބުން ބައިވެރިވެފައިވުމުން އެ ޤައުމުތަކުގައި މި ޒިންމާ އަދާކުރާ މުވައްޒަފުންގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވާ ގޮތްތަކާއި، އެ ޤައުމުތަކުގެ ތަޖްރިބާ ޕްރޮގްރާމްގެ ބައިވެރިންނަށް ހިއްސާކޮށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބައިވެރިންނަށް ދަސްވެގެން ގޮސްފައިވުމަކީ މި ޕްރޮގްރާމަށް އިތުރު ފުރިހަމަކަން ގެނުވިކަމެކެވެ.
މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ފަންނީ ތަޖްރިބާކާރު މުދައްރިބުންނެވެ. ދިވެހި ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި އިދާރާތަކާއި އެއަރޕޯޓް އޮޕަރޭޓް ކުރާފަރާތްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުޑަ ޚަރަދަކުން ބައިނަލްއަޤްވާމީ ފެންވަރަށް ތަމްރީން ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ އޭވިއޭޝަން ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އެކުވެރި ދައުލަތްތަކާއެކު ގުޅުން ބަދަހިކޮށް މި ޚިދުމަތަށް ބޭނުންވާ އާލާތްތަކާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމަކީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން ނުހަނު އިސްކަން ދެއްވާކަމެކެވެ.

