ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ ޑާކް ރެއިންގެ ހޮރޯ-ކޮމެޑީ ފިލްމް "ބިބީ" ތިނަދޫ ސިޓީގައި އަޅުވަން ތައްޔާރު ވެއްޖެއެވެ.
ބިބީ ތިނަދޫ ސިޓީގައި އަޅުވަން ނިންމާފައިވަނީ މި މަހު 25 ވާ ހުކުރު ދުވަހުއެވެ. މި ފިލްމުގެ 8 ޝޯވް މިހާރުވެސް ވަނީ މާލޭ އޮލިމްޕަހުގައި ދައްކާފައެވެ. އެގޮތުން ޅ. ހިންނަވަރުގައާއި ބައެއް ރަށްތަކުގައިވެސް ވަނީ ބިބީ ޝޯވް ތަކެއް އަޅުވާލާފައެވެ. ނަމަވެސް މިއީ އަތޮޅުތެރޭ އާބާދީ ބޮޑު ސިޓީއެއްގައި ބިބީގެ ޝޯވް ތައް ދައްކާ ފުރަތަމަ ފަހަރެވެ.
ތިނަދޫ ސިޓީގައި އަޅުވާ މި ފިލްމް "ބިބީ"ގެ ޓިކެޓަށް ނަންނޯޓް ކުރުމަށް 7486545 މި ނަމްބަރަށް ވައިބަރު ނުވަތަ ވަޓްސްއެޕުން މެސެޖްކޮށްލައިގެން ކުރިއަށް ދެވޭނެއެވެ.
ހުކުރުދުވަހު ތިނަދޫގައި އަޅުވާ ބީބީގެ ޓީކެޓްގެ އަގަކީ 100 ރުފިޔާ އެވެ. ފިލްމު އަޅުވަން ހަމަޖެހިފައިވަނީ ތިނަދޫ ސިޓީގެ އާބާދީ މަރުކަޒުގައެވެ.
ރޭޑިއޯ އަދި ޓީވީ ހުށައެޅުންތެރިޔާ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭ އަކަށް މި ފިލްމު ޑައިރެކްޓް ކޮށްފައިވާއިރު މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމުން ފެނިގެންދަނީ ހެއްވާ މަޖާ އަދި ބިރުވެރި ހާދިސާއާއި ގުޚޭ މަންޒަރުތަކެވެ.

"ބިބީ" ގެ ޑައިރެކްޓަރ ޓީވީ ޕްރެޒެންޓަރު ޝަހުދާ މަހުމޫދު ޕްރިމިއާރ ނައިޓްގަ
މި ފިލްމުގެ ލީޑް ތަރީންގެ ގޮތުގައި ހިމެނިގެންދަނީ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ އެވެ. މިއީ މަޖުދާ އާއި، ޝަރަފް އަބްދުﷲ އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ޝީލާ ނަޖީބާއި އަހްމަދު ސައީދު ފަދަ ތަރީން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އަދި ދިވެހި ފިލްމުތަކުން ކުރީގެ މަޝްހޫރު ކަން ހޯދާފައިވާ އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.

