ގދ.ނަޑެއްލާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންގެ ތެރެއިން، 2 މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ނަޑެއްލާގެ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް، މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވީ ރޭގެ ވަގުތެއްގައެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި 18 އަހަރުގެ ދެ މީހުންނާއި ޕިކަޕު ކައިރީގައި ހުރި 47 އަހަރުގެ މީހާއަށް އަނިޔާވެގެން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައެވެ.
ފުލުހުން މިއަދު ބުނީ ސައިކަލު ދުއްވި މީހާއާއި، ޕިކަޕު ކައިރީގައި ހުރި މީހާ މިއަދު މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށެވެ.
ސައިކަލު ދުއްވާފައިވަނީ ލައިސެންސް ނެތް މީހެއް ކަމަށާއި، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

