ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ރާއްޖެއާއި ކޮމަންވެލްތާ އޮތް ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއެކު މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ ރައީސް ޑރ.މުޢިއްޒު، ރާއްޖެއާއި ކޮމަންވެލްތާ އޮތް ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށެވެ.
މިއީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މަލްޓިލޭޓަރަލް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ޑރ. ޚަލީލް ވަނީ ފާހަގަކުރައްވައިފައެވެ.
މި އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ބައިނަލްއަގުވާމީ ފެންވަރެއްގައި އިގުތިސާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތް ކުރުމަށާއި، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމަކަށް ލިބޭ މުހިންމު މަންސައެކެވެ.
މި އަހަރުގެ ބައްދަލުވުން ވެގެންދާނީ، އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29) ގެ ކުރިން، ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ޤައުމުތަކަށް ލިބޭ މުހިންމު ފުރުސަތަކަށެވެ.

