ބުޅާ މަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރިކަމުގެ ހެއްކެއް ފެންނާކަށް ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މަގުމަތިން ބުޅާ ހިފައި، އެ މަރައި، އޭގެ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމަަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ 19 އޮގަސްޓުގައެވެ.
މި މައްސަލާގައި ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަރަފާތު ހުސައިން (32 އ) އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހިންގި ތަހުގީގުގައި ބުޅާ މަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރިކަމުގެ ހެއްކެއް ފެންނާކަށް ނެތް ކަމަށެވެ. އަދި މައްސަލާގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ މި މައްސަލާގައި ކުރަމުންދިޔަ ތަހުގީގު ނިންމާލައިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަރަފާތު އިމިގްރޭޝަނާ ހަވާލުކުރުމުން މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

