މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންނާއި ސަލާންޖަހަން ތިބޭ މަސްތުވާތަކެތި ބޭނުންކުރާ މީހުން ހިމެނޭ ގޮތަށް 14 މީހަކު މިހާތަނަށް ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގައި ބަންދުކޮށް ފަރުވާ ފަށައިފިކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން އަދި ދާޚިލީ ސަލާމަތާއި ޚިދުމަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ހިންމަފުށްޓާއި ހުޅުމާލޭގައި ޤާއިމްކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ހިންމަފުށްޓަށް މީހުން ބަދަލުކުރަން ފެށީ ޖުލައި މަހުގައި ކަމަށާއި، ހުޅުމާލޭ ސެންޓަރު ބޭނުންކުރަން ފެށީ ދާދި ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މީހުން ރިމާންޑް ސެންޓަރަށް ގެންދަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 103 ވަނަ މާއްދާގެ ދަށުންނެވެ. މިއީ މި ޤާނޫނުގެ ދަށުން ސެންޓަރަށް މީހުން ގެންދާ ފުރަތަމަ ފަހަރެވެ.
ޑްރަގް އެންފޯސްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ވިދާޅުވީ، މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ތެރޭގައި އުޅޭ މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި ޤާނޫނީ ގޮތުން ބަންދުކޮށްގެން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަށް ގެންދިއުން ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 14 މީހުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގައި ބަންދުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ލުބްނާ ވިދާޅުވީ، މި ސެންޓަރުގެ އެންމެ މުހިންމު ކަމަކީ މަސްތުވާތަކެތި ނަގާ މީހުން މުޖުތަމަޢު ތެރޭގައި ކުށްކުރަމުން އުޅޭ އުޅުން ހުއްޓުވުން ކަމަށެވެ. އަދި މިދިޔަ މުއްދަތުގައި އެންޑީއޭ އިން މަސްތުވާތަކެތި ނަގާ މީހުންނާ ގުޅޭ ގޮތުން ޢާންމުންގެ ފަރާތުންނާއި ބެލެނިވެރިންގެ ފަރާތުން އަންނަ ކޯލްތަކަށް ވަރަށް ބޮޑަށް އެޓެންޑް ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

