އާސަންދަ ނިޒާމު ހަރުދަނާކުރުމަށްޓަކައި މާލީ ފުދުންތެރިކަމަށް ބަލައިގެން އާސަންދަ ދިނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާދީފިއެވެ.
އޭސީސީން މި މަހު ނެރުނު “ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް” ގައި ވަނީ އިންޝުއަރެންސްގެ ނިޒާމާއި އާސަންދަ އަދި އެންސްޕާ ހިންގުމުގައި ކޮރަޕްޝަނާއި ނާޖާއިޒު މަންފާއަށް މަގުފަހިވާ ކަންކަން ހުރިކަމަށް ފާހަގަކޮށްފައެވެ. މި ކަންކަން ހައްލުކުރުމަށްޓަކައި އާސަންދަ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ގަވާއިދުތައް ހެދުމާއި ބަދަލުތައް ގެނައުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
އޭސީސީން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، އާސަންދައަކީ ދެމެހެއްޓެނިވި ސްކީމަކަށް ހެދުމަށްޓަކައި ކޮންޓްރިބިއުޓަރީ ނުވަތަ އާންމުން ހިއްސާވާ ސްކީމަކަށް ބަދަލުކުރުން ނުވަތަ މާލީ ފުދުންތެރިކަމަށް ބަލައި ނޮން-ކޮންޓްރިބިއުޓަރީ އުސޫލުން އެ ޚިދުމަތް ދިނުމަށް ވަކި ޚާއްޞަ ދިރާސާތަކެއް ކުރުމަށް ކަމާގުޅޭ ފަރރާތްތަކަށް ލަފާދީފައިވެއެވެ.
އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރު އާމިނަތު ޒީނިޔާ ވެސް ވަނީ އެ ނިޒާމު ދެމެހެއްޓޭނީ ކޯ-ޕޭމަންޓަކަށް ގޮސްގެން ކަމަށް ވިދާޅުވެފައެވެ. މިއީ އޭސީސީގެ ހުށަހެޅުންތަކާ އެއްގޮތް ވިސްނުމެކެވެ.
އާސަންދައިން ޢާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭސްފަރުވާއަށް އެކަނި ވެސް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އެންމެ ބޮޑު ޚަރަދެއް ކުރަނީ ޑޮކްޓަރީ ބޭހަށެވެ.
މި ޚަރަދު ކުޑަކުރުމަށްޓަކައި، ސަރުކާރުން ވަނީ ޔޫރަޕް ކޮލިޓީގެ ބޭސް ބަލްކުކޮށް ގެންނަން ފަށާފައެވެ. އަސާސީ ބޭސް ލިސްޓުގައި މިހާރު ހިމެނޭ 400 ބާވަތުގެ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެނައުމުން 300 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

