ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިއާގެ އައު ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބުނީ އިންޑޮނޭޝިއާގެ އައު ރައީސަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުޢިއްޒު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ ސިޓީގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންޑޮނޭޝިއާގެ އައު ރައީސްގެ ކުރިއަށް އޮތް ދައުރުގައި ތަރައްގީގެ އައު ހަރުފަތްތަކެއް ގިރާކުރެވި، ސުލްހަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒުގެ ސިޓީގައި ވަނީ ރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް އިންޑޮނޭޝިއާ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ސިޓީ ނިންމަވާލައްވަމުން ވަނީ ރައީސް ޕްރަބޯވޯއަށް ދުޅަހެޔޮ ސިއްހަތަކާއި، އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއ ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

