އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ނިންމަވާފައިވާ ވޭޕްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލުގެ މަގުސަދެއް ކަމުގައި ބުނެފައިވަނީ ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާ ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެއަށް ގެންނަ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުން ކަމަށެވެ.
ބިލުގައި ފާހަގަކޮށްފައިވާ ކަންކަން:
ސިނގިރޭޓާއި، ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ %50 އަދި ސިނގިރޭޓަކުން ނުވަތަ ބިޑިއަކުން 8 ރުފިޔާ ނެގުން
ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާއާއި، ކެމިކަލް %50 އަށް ބޮޑުކޮށް، މިލިލީޓަރެއް 8 ރުފިޔާއަށް ބޮޑުކުރުން.
ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ %50 އަދި ސްޓިކަކުން 8 ރުފިޔާއަށް ބޮޑުކުރުން.
މި ބިލާ ގުޅިގެން އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 1 ނޮވެމްބަރުން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަށް އަދި 15 ނޮވެމްބަރުން ފެށިގެން ވޭޕު ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކުރުމަށް ކަމަށެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 1 ނޮވެމްބަރުން ފެށިގެން 15 ނޮވެމްބަރަށް، މި މުއްދަތުގެ ތެރޭގައި އެތެރެކުރާ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އޭޖީ ވިދާޅުވިއެވެ.

