ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި މުވައްޒަފުން ތަމްރީނުކުރުމާއި އިސްލާމީ އިޤުތިޞާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެއެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު އިއްޒައްދީން ޢަދްނާން އެވެ. މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ ޢައިޝަތު މުނީޒާއެވެ.
ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ވަފުދު މެލޭޝިޔާއަށް ކުރާ މި ދަތުރަކީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ވަޒީރު ޕްރޮފެސަރ ޑރ މުޙައްމަދު ނަޢީމް މުޚްތާރުގެ ދަޢުވަތަކަށް، އެއިދާރާގެ މެހްމާންދާރީގައި ކުރާ ދަތުރެކެވެ. މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު ޢިއްޒައްދީން ޢަދުނާންއާ ބައްދަލުކުރައްވާފައެވެ. ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ އިތުރުން، ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނުކުރުމަށް ވެސް އެހީތެރިވެ ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މެލޭޝިޔާއަކީ ޒަކާތުގެ އިދާރީ އެންމެ ހަރުދަނާ ނިޒާމު އޮންނަ އިސްލާމީ އެއް ޤައުމެވެ. އަދި ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއްކަމުގައި މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާއިން ދެކެއެވެ.
ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދުން ވަނީ މެލޭޝިޔާގެ ޒަކާތު އޮފީސްތަކަށް ވަޑައިގެން ތަމްރީނު ހޯއްދަވާފައެވެ. ދިވެހިރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމު ކޮށްދެއްވީ ރައީސުލް ޖުމުހޫރިއްޔާ ޑރ މުޢިއްޒު އެވެ. ޒަކާތު ހައުސް އިފްތިތާޙު ކޮށްދެއްވީ 18 ޑިސެންބަރު 2023 ގައެވެ.

