ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބެލެވޭ މައްސަލައަކީ ދޫކޮށްލާވަރަށްވުރެ ސީރިއަސް ކަމެއް ކަމަށާއި، ގައުމުގެ މުސްތަގުބަލަށްޓަކައި މި ކަންކަން ބަލަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވަނީ ކުރީ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް މިދިޔަ އަހަރުތަކުގައި 2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި ހިމަނާފައިނުވާކަން ފާހަގަކުރައްވާފައެވެ.
މިދިޔަ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ޚިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރިކަމަށާއި، މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންތައްތަކެއް ކޮށްފައި އެބަހުރިކަން ފާހަގަކުރައްވައި އެކަމާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭޖީ ވަނީ ވިދާޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ މާލިއްޔަތު ގާނޫނާ އަދި ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނާ ޚިލާފަށް އޭރުގެ ސަރުކާރުން ދިޔައީ ތަނެއް ދޮރެއް ނުބަލާ ޚަރަދުކޮށް އެތައް ގުނައެއް އަގުބޮޑުކޮށް ޕްރޮޖެކްޓުތައް ގާތް އެކުވެރިންނަށް ދީ، ބޮޑެތި އަދަދުތަކުން ބަދަލުދެމުން ކަމަށެވެ. އަދި މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ މެންބަރުން ދެއްކި އެންމެ ބޮޑު އެއްވާހަކަކަން އޭރުގެ ނައިފަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
އަދި ސަޕްލިމެންޓަރީ ބަޖެޓް ކޮންމެ އަހަރެއްގެ ބަޖެޓުގެ ”ބަނޑުދޮށަށްލައިގެން” މަޖިލީހަށް ގެނެސް ފާސްކުރާއިރު އޮންނަނީ މާކުރިން އެ ޚަރަދުކޮށްފައި ކަމަށާއި، ހިސާބުތައް ދިމާނުވާ ވާހަކަ އޭރު ދެއްކީ ނުހަނު ކަންބޮޑުވުމާއެކު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މީ އެއްވެސް ހާލެއްގައި އަޅާނުލާ ދޫކޮށްލާވަރަށްވުރެ މާސީރިއަސް ކަމެއް ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަށްޓަކައި ވެސް މި ކަންކަން ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

