އިބްރާހީމްގެފާނު، އެކަލޭގެފާނަށް ޞާލިޙު ހެޔޮ ދަރިފަސްކޮޅެއް ދެއްވުން އެދި މާތް ﷲ އަށް ގިނަގިނައިން ދުޢާކުރެއްވިއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އިބްރާހީމްގެފާނުގެ މި ދުޢާފުޅު ޒިކުރު ކުރައްވައިފައި ވެއެވެ. ﴿رَبِّ هَبْ لِي مِنَ الصَّالِحِينَ﴾ (الصافات: ١٠٠) މާނައީ: “އަޅުގެ ވެރިރައްބެވެ! މި އަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!”
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އިބްރާހީމްގެފާނުގެ މި ދުޢާ އިޖާބަކުރައްވައި، އެކަލޭގެފާނަށް އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ދެއްވިއެވެ. މާތް ﷲގެ މި ނިޢުމަތަށް ޝުކުރުވެރިވެވަޑައިގަންނަވާ ޙާލު އިބްރާހީމުގެފާނު އެ ދެ ދަރިކަލުން ފިސާރި ރިވެތި އަދި މަތިވެރި ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރެއްވިއެވެ. އަދި މާތް ﷲގެ ރަޙުމަތުން އެ ދެ ދަރިކަލުންނަކީ ވެސް ނަބީބޭކަލުން ކަމުގައި ލެއްވިއެވެ. އަދި ނޫޙުގެފާނަށް ފަހު، އިބްރާހީމުގެފާނުގެ ދަރިފަސްކޮޅަކީ، ނަބީބޭކަލުންގެ ދަރިފަސްކޮޅެއް ކަމުގައި މާތް ﷲ އިޚްތިޔާރު ކުރެއްވިއެވެ.އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުންނެވެ. އަދި އެންމެ މަތިވެރި އެންމެ މާތް ނަބިއްޔާ، މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم ވަޑައިގެންނެވީ އިސްމާޢީލް ޢަލަހިއްސަލާމުގެ ދަރިފަސްކޮޅުންނެވެ.
އިބްރާހީމް ޢަލަހިއްސަލާމަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ ވާހަކައަށް ނަޒަރު ހިންގައިލާއިރު، އެކަލޭގެފާނު އިސްމާޢީލް ޢަލަހިއްސަލާމަށް ދެއްވި ތަރުބިއްޔަތުގެ މަތިވެރިކަން ހާމަވެއެވެ. އިސްމާޢީލް ޢަލަހިއްސަލާމަށް ﷲގެ އަމުރުފުޅުތަކަށް ބޯލަނބަން ދަސްކޮށްދެއްވައިފައިވާ ވަރުގަދަކަން މި ހާދިސާއިން ހާމަވެއެވެ. މާތް ﷲގެ އަމުރުފުޅުތަކަށް އެންމެ މަތިވެރި ދަރަޖައިގައި ކިޔަމަންގަތުމުގެ ފިލާވަޅު، އެކަލޭގެފާނު ވަނީ އިސްމާޢީލް ޢަލަހިއްސަލާމަށް ފުރިހަމައަށް ނަންގަވައިދެއްވައިފައެވެ.
މާތް ﷲ ޤުރުއާނުގައި އިބްރާހީމް ޢަލަހިއްސަލާމުގެ ހުވަފެންފުޅުގެ ވާހަކަ ބަޔާން ކުރައްވައި ވަޙީ ކުރައްވައިފައިވެއެވެ. ﴿فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ﴾ (الصافات: ١٠٢) މާނައީ: “ފަހެ، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމްގެފާނު) އަރިހުގައި އެ ދަރިކަލުން (އެބަހީ: ޢިސްމާޢީލުގެފާނު) މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަ ކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނިއްޖެއެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަ ގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ.
އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރެއްވިގެންވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ.”
ނަބީބޭކަލުންގެ ހުވަފެންފުޅަކީ ތެދު ހުވަފެންފުޅުތަކެކެވެ. މާތް ﷲގެ ޙަޟްރަތުން އަންނަ ވަޙީއެކެވެ. ވުމާއެކު، އިބްރާހީމްގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން (އިސްމާޢީލުގެފާނު) ޤުރުބާން ކުރައްވާތީ ހުވަފެންފުޅުގައި ފެނިވަޑައިގަތް ހިނދު، އެއީ ﷲގެ ޙަޟްރަތުން އައި އަމުރުފުޅެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ.
އަދި އެއީ ﷲ އެކަލޭގެފާނަށް ކުރިމަތިކުރެއްވި އިމްތިޙާނެއްކަން ޔަގީންވެވަޑައިގަތެވެ. އެހެންކަމުން، އެ ހުވަފެންފުޅުގެ ވާހަކަ ދަރިކަލުންނަށް ވިދާޅުވެދެއްވިއެވެ. ދަރިކަލުން އެކަމާ ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ޓަކައެވެ. ﷲގެ ރަޙްމަތުން، އެކަލޭގެފާނު އެ ދަރިކަލުން، ތަރުބިއްޔަތު ކުރައްވައިފައިވަނީ އެންމެ މަތިވެރި އެންމެ ފުރިހަމަ ތަރުބިއްޔަތުންނެވެ. ވުމާއެކު، އެ ދަރިކަލުންގެ ބަސްފުޅަކަށްވީ “ބައްޕާފުޅަށް ﷲ އަމުރުކުރެއްވި ކަންތައް ކުރައްވާށޭ، އިރާދަކުރެއްވިއްޔާ އަޅުގަނޑަކީ، ﷲއަށް ކިޔަމަންތެރި ދަރިއެއް ކަމުގައި ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ، ﷲގެ އަމުރުފުޅުތަކަށް ކެތްތެރިކަމާއެކު ބޯލަނބާ މީހެއް ކަމުގައި މި ދަރިފުޅުވާތީ، ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ” މިއެވެ. އިބްރާހީމް ޢަލަހިއްސަލާމުގެ ތަރުބިއްޔަތުގެ މަތިވެރިކަމާއެވެ! އިސްމާޢީލް ޢަލަހިއްސަލާމުގެ އަޚްލާޤުފުޅުގެ މަތިވެރިކަމާއެވެ!
އެހެންކަމުން، އިބްރާހީމް ޢަލަހިއްސަލާމްގެ ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ ތަރުބިއްޔަތުގެ ފިލާވަޅަކީ؛ 1- ދަރީންނަކީ މާތް ﷲ އިރާދަކުރައްވާ ފަރާތަކަށް ދެއްވާ ނިޢުމަތެއްކަން ދަންނަންޖެހޭކަން. އެހެނީ، އިބްރާހީމް ޢަލަހިއްސަލާމް، މާތް ﷲއަށް ދަރިކަލަކު ދެއްވުމަށް އެދި ދުޢާ ކުރައްވަމުން ގެންދެވިކަން އިސްވެދިޔަ އާޔަތްތަކުން ދޭހަވެއެވެ. އަދި، އެއީ އެކަލޭގެފާނުގެ އުމުރުފުޅުން ވެސް ވަރަށް މުސްކުޅިފުޅުވެފައި ވަނިކޮށެވެ. ނަމަވެސް، ދަރީންގެ ނިޢުމަތަކީ މާތް ﷲ އިރާދަކުރައްވާ ފަރާތަކަށް އެ އިލާހު ދެއްވާ ނިޢުމަތެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާތީ، އެއްވެސް މިންވަރަކަށް އެކަލޭގެފާނު މާޔޫސްވެވަޑައިގެންފައެއް ނުވެއެވެ.
މާތް ﷲގެ ބެއްސެވުމާއި، އެ އިލާހުގެ ޙިކުމަތްފުޅާމެދު ފުރިހަމައަށް އީމާންވާ ހާލު، އެ އިލާހު މިންވަރުފުޅު ކުރައްވާނީ އެންމެ ހެޔޮގޮތްކަން ވެސް އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ.
– ދަރިން ދެއްވުމަށް ދުޢާ ކުރެއްވިއިރު، އެއީ ޞާލިޙު ދަރީންތަކެއް ކަމުގައި ލެއްވުމަށް ދުޢާގައި ހިމެނުއްވިކަން. މިއިން ލިބިގެންދާ ފިލާވަޅަކީ، ދަރީންނަކީ ބައެއް ފަހަރު ނިޢުމަތަކަށް ވިޔަސް، އަނެއްބައި ފަހަރު، ނިޤުމަތަކަށް ވެސް ވެދާނެއެވެ. ހެޔޮ ޞާލިޙު ދަރިއެއް ނަމަ، ނިޢުމަތެކެވެ. ނުބައި ދަރިއެއް ނަމަ، ނިޤުމަތެކެވެ. އެހެންކަމުން، ދަރީން ދެއްވުމަށް އެދި މާތް ﷲއަށް ދުޢާ ކުރާއިރު، އެ ދަރީންނަކީ ޞާލިޙު ދަރީންކަމުގައި ލެއްވުމަށް އެދި ދުޢާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި ދަރީން ލިބުމަށްފަހު ވެސް، އެ ދަރީންނަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މައިންބަފައިންގެ ދުޢާއަކީ ދަރީންނަށް ޓަކައި އިޖާބަވުން ވަރަށް ކައިރިވެގެންވާ ދުޢާއެކެވެ. ހެޔޮ ދުޢާއެއް ނޫނީ ދަރީންނަށް ނުކުރާށެވެ. އެހެނީ، މައިންބަފައިންގެ ބަދު ދުޢާއަކީ ވެސް ދަރީންނަށް ޓަކައި މިޔަ ތޫނު ކަނޑިއެއް ފަދަ އެއްޗެކެވެ.
– ދަރީންނަށް މާތް ﷲގެ ޙުކުމްފުޅުތަކަކީ އެންމެ ފުރިހަމަ، އެންމެ ޙިކުމަތްވަންތަ ޙުކުމްފުޅުތަކެއްކަން ދަސްކޮށްދީ، އެ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމަށް ދަސްކޮށްދޭން ޖެހޭކަން. އިބްރާހީމް ޢަލަހިއްސަލާމް، އިސްމާޢީލް ޢަލަހިއްސަލާމް ތަރުބިއްޔަތު ކުރައްވައިފައިވާ ގޮތުގެ ވާހަކަ، މަތީގައި އެވަނީއެވެ. މާތް ﷲ އަމުރުފުޅުކުރެއްވީ، އެކަލޭގެފާނު ޤުރުބާން ކުރައްވަން ކަމަށް ވަނީވިއްޔާ، އެއީ އެންމެ ހެޔޮ ގޮތް ކަމުގައި އިސްމާޢީލް ޢަލަހިއްސަލާމް ދެނެވަޑައިގަތެވެ. އަދި، އެކަމުގައި އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމްގެފާނަށް ހިތްވަރު ދެއްވީ ވެސް އެކަލޭގެފާނެވެ. މިއިން އެނގިގެން ދަނީ، އިބްރާހީމްގެފާނު ވަނީ އިސްމާޢީލް އަލަހިއްސަލާމުގެ ހިތްޕުޅުގައި މާތް ﷲގެ ޙުކުމްފުޅުތަކުގެ މަތިވެރިކަން ބިންވަޅު ނެގޭހައި މިންވަރަށް އަށަގަންނުވައިފައިކަމެވެ.
އެހެންކަމުން، ދަރީންނަށް އެންމެ ކުޑައިރުން ފެށިގެން، މާތް ﷲގެ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމާއި، އެ ޙުކުމްފުޅުތަކަށް އިޙްތިރާމާއި، ޤަދަރުކޮށް ލޯބިކުރުމަށް ދަސްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ދުނިޔެ މަތީގައި އެ ކުދީންނަށް ކުރިމަތިވާ އެކިއެކި އިމްތިޙާނުތަކުން އެ ކުދީންނަށް ހިނިތުންވުމާއި ރުހިގެންވާ ހިތަކައިއިގެން މާތް ﷲގެ ޤަޟާޤަދަރަށް ކިޔަމަންގަތުމަށް ދަސްވާނީ އޭރުންނެވެ. އެފަދަ ކުއްޖަކަށް ދުނިޔެއަކީ ދަތި އުނދަގޫ ތަނަކަށް ނުވާނެއެވެ. އަދި ދުނިޔޭގެ މަޤްޞަދު ވެސް އެފަދަ ދަރިއަކަށް އޮޅިފައެއް ނުވާނެއެވެ. ހުރިހާ ބާރެއް ވަނީ މާތް ﷲއަށް ކަމާއި، މި ދުނިޔެއަކީ ވަގުތީ ތަނެއް ކަމާއި، މި ތަނުގައި ކުރިމަތިވާ ކޮންމެ ކަމަކީ ވެސް ކޮންމެވެސް ގޮތަކުން އޭނާގެ އީމާންތެރިކަން އިމްތިޙާނު ކުރެވޭ ކުރެވުމެއްކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ.
– އިބްރާހީމް ޢަލަހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލަހިއްސަލާމަށް ޢަމަލީގޮތުން މާތް ﷲގެ ޙުކުމްފުޅުތަކަކީ އެންމެ މާތް މަތިވެރި ޙުކުމްފުޅުތަކެއްކަން ދެއްކެވިކަން. އަޅުގަނޑުމެން ބުނާ ބަހަށްވުރެ، ދަރީންގެ ހިތުގައި ބިންވަޅު ނެގިގެންދާނީ އަޅުގަނޑުމެންގެ ފަރާތުން ފެނިގެންދާ ޢަމަލުތަކުންނެވެ. އަޅުގަނޑުމެންގެ ބަހާއި ޢަމަލު ދިމާނުވަންޏާ، އެ ކުދީންނަށް ވެސް ދަސްވާނީ އެ ގޮތެވެ. ބަހާއި ޢަމަލު ދިމާނުވާ މުނާފިޤުންތަކެއް ފަދައިން އެ ކުދީން ތަރުބިއްޔަތު ވުމުގެ ނުރައްކާ އޮންނާނެއެވެ.
ނަމާދަށް ފަރުވާތެރިވާން ދަރިފުޅަށް އަމުރުކުރާ ބައްޕަ، ނަމާދަށް ފަރުވާ ކުޑަކުރާތަން އެ ދަރިފުޅަށް ފެންނަންޏާ، އެ ދަރިފުޅަށް ނަމާދުގެ އަހައްމިއްޔަތުކަމެއް ނުވިސްނޭނެއެވެ. އެ ދަރިފުޅަށް ވިސްނޭނީ، އެއީ މަކަރު ހަދައިލެވޭނޭ ކަމެއްގެ ގޮތުގައެވެ. ބައްޕަ ފަދައިންނެވެ.
އިބްރާހީމް ޢަލަހިއްސަލާމަކީ އެންމެ މަތިވެރި ނަބީބޭކަލުންގެ ތެރެއިން ބޭކަލަކަށް ވުމުން، އެކަލޭގެފާނުގެ ފަރާތްޕުޅުން އިސްމާޢީލުގެފާނަށް ފެނިވަޑައިގަތީ އެންމެ ފުރިހަމަ ނަމޫނާއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހިތަށް އަރައިފާނެއެވެ. އެއީ ނަބީބޭކަލެކެވެ. އަޅުގަނޑުމެންނީ ނިކަމެތި އަޅުންނެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ. އަޅުގަނޑުމެންނީ ނިކަމެތި އަޅުންނެވެ. ނަމަވެސް، ނަބިއްޔުންނާއި ރަސޫލުންނަކީ ވެސް ހަމަ އިންސާނުންނެވެ. އަދި އެބޭކަލުން މާތް ﷲ ފޮނުއްވީ އިންސާނިއްޔަތަށް ވާ ނަމޫނާއެއްގެ ގޮތުންނެވެ. އަދި އެބޭކަލުންނަށް ތަބާވުމަށެވެ. އަދި ކީރިތި ޤުރުއާނުގައި އެބޭކަލުންގެ މިފަދަ ޢިބްރަތްތެރި ވާހަކަ މާތް ﷲ ގެނެސްދެއްވައިފައިވަނީ، ބޭކާރު ގޮތެއްގައެއް ނޫނެވެ.
އެއީ، އެއިން ޢިބްރަތް ލިބިގަނެ، އެގޮތަށް ޢަމަލުކުރުމަށެވެ. އެ ނަމޫނާއިން ނަމޫނާ ލިބިގަތުމަށެވެ. އެބޭކަލުން އެކަން ކުރެއްވިހައި ފުރިހަމަކޮށެއް އެ ކަމެއް އަޅުގަނޑުމެންނަށް ނުކުރެވިދާނެއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އެބޭކަލުން ކޮޕީ ކުރުމަށް މަސައްކަތް ކުރެވޭނެއެވެ. ކީރިތި ޤުރުއާނުގައި އެފަދައިން އެބޭކަލުންގެ ވާހަކަ ވާރިދުވެފައި ވަނީ ވެސް އެހެންވެއެވެ.
ދުޢާ އަކީ، އަޅަމެންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގެ އާޔަތްތަކުގައިވާ އިރުޝާދުތަކާމެދު ތަދައްބުރުކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަދި އެ އާޔަތްތަކުގައިވާ އިރުޝާދުތައް ޢަމަލީ މައިދާނުގައި ތަންފީޒުކުރާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ. އާމީން ޔާރައްބަލް ޢާލަމީން!
الشَّيْخ شَفِيْعُ عَبْدُ الله ދީނުގެމަގު

