ވައިގެ މަގުން ރާއްޖެއަށް 1 ކިލޯގެ ޑްރަގް އެތެރެކުރަން އުޅުނު މީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ވައިގެ މަގުން ބެންކޮކުން އައި އުމުރުން 33 އަހަރުގެ ފިރިހެނެއްގެ ލަގެޖުން 1.86 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މި މަހުގެ 19 ގައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއްޔެ ބުނީ އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 3,348,000 ރުފިޔާއަށް އަރާނެ ކަމަށެވެ.
މި ތަކެއްޗާއި ފަސިންޖަރު ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ.ދަނބިދުއަށް ނިސްބަތްވާ މީހެކެވެ.
އެ މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

